Sunday, October 11, 2009

ރެކޭ ބިލް މާދަމާއަށް އެޖެންޑާ ކޮށްފި

ރައްޔިތުންގެ މަޖިލިސް ހުއްޓުވާލި، ކުރީގެ ރައީސަށް އިނާޔަތް ދިނުމުގެ ބިލް (ރެކޭ ބިލް) އަނެއްކާ ވެސް މަޖިލީހުގެ ތަޅުމަށް ވެއްދުމަށް އެޖެންޑާ ކޮށްފިއެވެ. މިދިޔަ އޮގަސްޓް 30 އަދި 31 މި ދެދުވަހު މަޖިލީހުގައި ހޫނު ބަހުސް ކޮށް އެއްބަސްވުމަކަށް އާދެވިފައި ނުވާ މި ބިލާމެދު ބޮޑު ދެޕާޓީގެ މެދުގައި ހިޔާލުގެ ވަރަށް ބޮޑު ތަފާތެއް އުޅެއެވެ.



ވެރިކަން ކުރާ އެމް ޑީ ޕީ ގެ މެންބަރުން މިބިލު ހުށަހަޅާފައި ވާ ގޮތައް ފާސްކުރުމަށް ވަރަށް ބޮޑަށް ދެކޮޅު ހަދައެވެ. އެމްޑީޕީން އެ ބިލާ މެދު އެންމެ ބޮޑަށް ދެކޮޅު ހަދަނީ، ބިލުގެ ނުވަ ވަނަ މާއްދާއާ މެދުގަ އެވެ. ނުވަ ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރި މީހަކު ކުށްވެރިނުވެ ގާނޫނީ ހަމަތަކުގެ މަތީން އެ މަގާމުން ވަކިވެއްޖެނަމަ، އޭނާ އެ މަޤާމުގައި ހުރިއިރު މަގާމުގެ ހައިސިއްޔަތުން ކޮށްފައިވާ ކަމަކާ މެދު ނުވަތަ ނުކޮށް ދޫކޮށްލައްވާފައިވާ ކަމަކާ މެދު މި މާއްދާގެ (ށ) ގައި ކަނޑައަޅާ ގޮތުގެ މަތީން މެނުވީ އޭނާގެ މައްޗަށް އެއްވެސް ކޯޓެއްގައި ނުވަތަ ޝަރީއަތުގެ އެހެން މަޖިލީހެއްގައިވިޔަސް ދައުވާއެއް ނުކުރެވޭނެ ކަމަށެވެ. މި މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުން، ރައީސްކަން ކޮށްފައިވާ މީހަކު ކުށްވެރިނުވެ އެ މަގާމުން ވަކިވެއްޖެނަމަ، އޭނާ މަގާމުގެ ހައިސިއްޔަތުން ކޮށްފައިވާ ކަމަކާ މެދު ނުވަތަ ނުކޮށް ދޫކޮށްލައްވާފައިވާ ކަމަކާ މެދު ތަހުގީގެއް ކުރެވޭނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުން އެކަމަށްޓަކައި އުފައްދާ މިނިވަން މުސްތަގިއްލު ކޮމިޝަނަކުންނެވެ

ނަމަވެސް ޑީ އާރު ޕީގެ މެންބަރުން ތިބީ މި ބިލު ހަމަ އެ އޮތް ގޮތަށް ފާސްކުރަން ބާރުލާފައެވެ. އޮގަސްޓް 31 ވަނަ ދުވަހުގެ މަޖިލީހުގެ ބަހުސް ހޫނުވެ ތަޅު ލެވޭ ހިސާބަށް  ދިޔައީވެސް މި ދެފަރާތުގެ ހިޔަލު ތަފާތު ވުމުގެ ސަބަބުން ނެވެ.

މިބިލަށް "ރެކޭ ބިލް" ގެ ނަން ދިނީ އެމް ޑީ ޕީ ގެ މެންބަރުންނެވެ. އެމް ޑީ ޕީ ގަބޫލުކުރާ ގޮތުގައި މިބިލުން ޑީ އާރު ޕީ މައުމޫނަށް ހޯދައިދޭން މަސައްކަތް ކުރާ ފުރުސަތަކީ ވެރިކަމުގައި ހުންނަވައިގެން އެމަނިކުފާނު ހިންގެވި ޖަރީމާތަކާއި ކޮރަޕްޝަންގެ މައްސަލަތަކުން ސަލާމަތް ވުމެވެ. ނުވަތަ ރެކުމެވެ. ވޭތުވެ ދިޔަ ހަފްތާއެއްހައި ދުވަހު އެމް ޑީ ޕީގެ ހަރުގޭގައި އެ ޕާޓީގެ މަޖިލިސް މެންބަރުން ވާހަކަދައްކަވަމުން މި ބިލް މި އޮތް ގޮތަށް ފާސްވިޔަ ނުދެއްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅު ވިއެވެ. ނަމަވެސް ޑީ އާރު ޕީ ބުނަނީ މި ބިލް އެގޮތަށް ފާސް ކުރަން ބޭނުން  ކަމަށާއި ފާސް ކުރާނެ ކަމަށެވެ.

No comments:

Post a Comment