މިދުވަސްކޮޅަކީ އަނެއްކާވެސް ސިޔާސީ މައިދާން ހޫނު ދުވަސްވަރެކެވެ. އިދިކޮޅު ޑީ އާރު ޕީން އެކިއެކި އެވުންތަކުގައި 3 މަސް ދުވަހުގެ ތެރޭގައި ސަރުކާރު ވައްޓާލަން އަދި ނޮވެމްބަރު 3 ގައި ބަގާވާތް ކުރަން ގޮވަން ފަށައިފި އެވެ.
އެމް ޑީ ޕީ ހަރުގޭގައި ރޭގައި ބޭއްވި އާއްމު ޖަލްސާއެއްގައި ރައީސް ނަޝީދު މިކަމަށް ރައްދު ދެއްވައި ވާހަކަ ދައްކަވަމުން ވިދާޅުވީ ހަފްތާއަކު ދެފަހަރު ބަގާވާތް ގެނަޔަސް ހަމަ އަޅާވެސް ނުލާނެ ކަމަށެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ ވާދަވެރި އިދިކޮޅު ފަރާތްތަކުން ބަގާވާތެއް ގެންނަން އުޅޭނަމަ އެ ފުރުސަތު އެ ބޭފުޅުންނަށް އަރުވާނެ ކަމަށާއި އެއީ ކުޑަކޮށްވެސް ޖެހިލުންވެ ވަޑައިގަންނަވާ ކަމެއް ނޫން ކަމުގައެވެ. އަދި އިދިކޮޅު ފަރާތްތަކުން މިހާރު ރާވަމުންދާ ބަގާވާތަށް ނުކުންނާނީ ދޮޅަހަކަށް މީހުން ކަމުގައި ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ބަގާވަތެއް ކޮށް އެ މަނިކުފާނު އަވަހާރަކޮށްލިއަސް ދެން ވެރިކަމަށް އަންނާނީ ރައްޔިތުންގެ ވޯޓަކުން ހޮވާ ރައީސެއް ކަމަށެވެ. އިންތިހާބަކާ ނުލައި ދެން މިގައުމުގެ ވެރިކަމަށް އެއްވެސް މީހަކަށް ނާދެވޭނެ ކަމުގައި އެ މަނިކުފާނު ވިދާޅު ވިއެވެ.
"އަޅުގަނޑުމެންގެތެރެއިން ބައެއް މީހުންނަށް ދެން ވެރިކަމުގައި ތިބެންވީ ތިމަންނަމެންނޭ އެގޮތަށް ނިންމުނަކަސް ވެރިކަމަކަށް ނާދެވޭނެ، ވެރިކަމަށް އާދެވޭނީ އިންތިޚާބަކުން، ރައްޔިތުން އެގޮތަށް ނިންމީމައި، އަޅުގަނޑު މަރާލެވިދާނެ. އަޅުގަނޑުގެ ގެދޮރަށާ މުދަލަށްވެސް ގެއްލުން ދެވިދާނެ، އެކަމަކު ދައުލަތަށް ކުޑަގެއްލުމެއްވެސް ނުދެވޭނެ،" އަންނަ ނޮވެމްބަރުމަހުގެ ތިންވަނަ ދުވަހު ސަރުކާރު ވައްޓާލާނެކަމަށް އިދިކޮޅުޑީއާރުޕީން ބުނަމުންދާ ބުނުމަށް ރައްދުދެއްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވިގޮތުގައި ސަރުކާރު ވައްޓާލިޔަސް ވެރިކަމަށް ދެންއަންނާނެ ބަޔަކު ކަނޑައަޅާނީ ރައްޔިތުންނެވެ.
މިކަމާ މެދު ޑީ އާރު ޕީ ބުނެފައި ވަނީ ކުރިޔަށް އޮތް ތިން މަސް ތެރޭ ވެރިކަން ވައްޓާލާނެ ކަމަށް ޕާޓީގެ ބައެއް މެންބަރުން ބުނެފައި ވިޔަސް ޕާޓީގެ އެއްވެސް ގުނަނަކުން އެގޮތަށް ނިންމާފައި ނުވާ ކަމަށެވެ. ސަންއެފްއެމްގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ސަރުކާރާ ދެކޮޅަށް އަޑު އުފުލާ އިހްތިޖާޖު ޓީމުން ފަހަކަށް އައިސް ބާއްވަމުންގެންދާ އެއްވުންތަކުގައި، ތިން މަސްތުވަހުގެ ތެރޭގައި ސަރުކާރު ވައްޓާލާނެ ކަމަށް ވިދާޅުވެ، ޑީއާރުޕީގެ އިސް ސަފުގައި ހަރަކާތްތެރިވާ ބައެއް ބޭފުޅުން ދައްކަވާ ވާހަކަ އަކީ އެ ބޭފުޅުންގެ އަމިއްލަ ޚިޔާލު ކަމަށެވެ. އަދި ރަސްމީކޮށް އެފަދަ ކަމެއް ޑީއާރުޕީން ނިންމާނީ ޕާޓީގެ ކައުންސިލާއި އެހެންނިހެން ގުނަވަންތަކުގައި މަޝްވަރާކުރުމަށްފަހު، ނޫސްބަޔާނެއްގެ ގޮތުގައި ނުވަތަ، ޑީއާރުޕީގެ ރަސްމީ ހާމަކުރުމެއްގެ ގޮތުގައި ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.
Sunday, October 11, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment