Tuesday, October 6, 2009

ދިވެހި ގައުމުގެ ހެވާއި ލާބައަށްޓަކައި ޑިއާރުޕީ ކަރަންޓީނު ކުރަން ޖެހޭ

ކުރީ ޒަމާނުގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ އޮޑިފަހަރު ދަތުރު ނިންމާފައި މާލޭގެ ބަދަރަށް އައީމާ އެ އޮޑިން ދަތުރު ކުރި މީހުން މާލެއަށް ނުވަތަ ރާއްޖޭގެ އެއްވެސް ރަށަކަށް ފޭބުން މަނާ މުއްދަތެއް އޮވެއެވެ. އޮޑިން އެއްގަމަށް ފޭބޭނީ މިބުނި މުއްދަތު ހަމަކޮށްފައެވެ. އޭގެ ބޭނުމަކީ ދުރު ގައުމަކުން އައި މީހުންގައި ނުރައްކާ ބައްޔެއް ހުރެ، އެ ބަލި އެހެން މީހުންނަށް ފެތުރުނަ ނުދިނުމެވެ. އެއީ ރައްކާތެރިކަމުގެ ފިޔަވަޅެކެވެ.


ހަމަ މިފަދައިން ރާއްޖޭގެ ސިޔާސީ މަސްރަހުން ޑީއާރުޕީ 5 އަހަރުގެ މުއްދަތަކަށް ކަރަންޓިނު ކުރަން ޖެހޭކަމަށް ޑރ. ޝަހީދު ރޭގައި ވިދާޅުވިއެވެ. އެމްޑީޕީ ހަރުގޭގައި އޮތް އާއްމު ޖަލްސާއެއްގައި ޑރ. ޝަހީދު އެމްޑީޕީއާ ގުޅުނު ސބަބު ބަޔާންކޮށްދެއްވަމުން ވިދާޅުވީ މިގައުމުގެ ސިޔާސީ ކުރިމަގު ނުރައްކާތަކުން ސަލާމަތް ކުރުމަށްޓަކައި ޑީއާރުޕީ ކަރަންޓީނު ކުރުމަކީ ހަމަ ކޮންމެހެންވެސް މިވަގުތަށް މުހިއްމު ކަމެއްކަމުގައެވެ.

ޑރ. ޝަހީދު އިތުރަށް ވިދާޅުވިގޮތުގައި ދިވެހިރާއްޖެއަށް ފުރިހަމަ ޑިމޮކްރަސީ ގެނައުމަށްޓަކައި އެންމެ ބޮޑު މަސައްކަތެއް ކުރި ބަޔަކީ އެމްޑީޕީ އެވެ. އެހެންކަމުން މި ޑިމޮކްރަސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ކޮންމެ މީހަކަށް ހުރުން އެންމެ ހައްގު ފަޅިއަކީ އެމްޑީޕީ އެވެ. އަދި މީގެ މާކުރިންސުރެވެސް އެ މަނިކުފާނުގެ ހިޔާލާއި އެމްޑީޕީގެ ހިޔާލުގައި ގިނަ އެއްގޮތް ކަންތައްތަކެއް އެކުލެވޭ ކަމުގައި ވެސް އެމަނިކުފާނުގެ ވާހަކައިގައި އިތުރަށް ވިދާޅުވިއެވެ.

No comments:

Post a Comment